މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި، އައްޑޫމީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 36 މެންބަރުންގެ ވޯޓުން ނިންމަވައިފިއެވެ.
މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 24 މެންބަރުން ވޯޓުދެއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު އިބްތިދާއީ ބަހުސްގެ މަރުހަލާގައި 26 މެންބަރުން ވާހަކަދައްކަވާފައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 9 މާރިޗު 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި، 2016 ވަނަ އަހަރުގެ ރިޔާސީ ބަޔާނާގުޅޭގޮތުންނާއި، އައްޑޫމީދުގެ ރަށްގިރުމުގެ މައްސަލައާއި ގުޅޭ ގޮތުން އައްޑޫމީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހީމްއާ ސުވާލުކުރެއްވިއެވެ. އަދި، އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 16 މެންބަރުން ސުވާލުކުރެއްވިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 މާރިޗު 2016 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
6 ޖުމާދަލްއާޚިރާ 1437
15 މާރިޗު 2016