އައްޑޫމީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

_DSC4367މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، އައްޑޫމީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހަށް ބަލައިގަތުމަށް ފާހެއްނުވިއެވެ.

މި ޤަރާރު ބަލައިގަތުމަށް 22 މެންބަރުން ވޯޓްދެއްވިއިރު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 39 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މި ޤަރާރަށް ކަނޑައަޅުއްވާފައިވާ ބަޙުސްގެ ވަގުތުގައި 25 މެންބަރުން ވާހަކަދެއްކެވިއެވެ. މި ޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 14 މާރިޗު 2016 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

29 ޖުމާދަލްއޫލާ 1437

9 މާރިޗު 2016