ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ، ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ދިވެހިރާއްޖެއާމެދު ނިންމާފައިވާ ނިންމުމުގެ ތެރެއިން ދިވެހިސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމާ ގުޅޭގޮތުން ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޒާރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ.

މިމައްސަލަ ބަލައިގަތުމަށް 20 މެންބަރުން ވޯޓުދެއްވާފައިވެއެވެ. މި މައްސަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 26 މެންބަރުންނެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، އައްޑޫ ކޮންވެންޝަން ސެންޓަރ (އޭ.ސީ.ސީ) އިން ގެނައި ގޮނޑިތަކާ ގުޅޭގޮތުން އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ.

އަދި، އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 13 މެންބަރުން މިނިސްޓަރާއި ސުވާލުކުރައްވާފައިވެއެވެ.

21 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016