ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލު 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވައިފި

 

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި  މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލު، ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް 40 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. 15 މެންބަރުން ވަނީ ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް ޢުޘްމާން ހުށަހަޅުއްވާ ބާރަށު ދާއިރާގެ ޢިއްޒަތްތެތި މެންބަރު އިބްރާހީމް ޝުޖާޢު ތާޢިދުކުރެއްވި، 7 މެންބަރުންގެ ވަގުތީ ކޮމިޓީ ފާސްކުރެއްވުމަށް 38 މެންބަރުން ފެންނަކަމަށް ވޯޓުދެއްވާފައިވާއިރު، ނުފެންނަކަމަށް 11 މެންބަރުން ވޯޓުދެއްވާފައިވެއެވެ.

7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ކެލާ ދާއިރާގެ ޢިއްޒަތްތެރި  މެންބަރު ޢަލީ ޢާރިފް، ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މަޢުރޫފް، ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙްމަދު، ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމްދީދީ ، ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް، މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝަރީފް އަދި ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި  މެންބަރު ޢަލީ ޝާހްއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލަކީ، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމުން، އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 13 މެންބަރުން ވާހަކަދެއްކެވިއެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުއަރީ 2016