ރައްޔިތުންގެ މަޖިލީހުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވައިފިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރިޔާސީ ބަޔާން އިއްވަވައި ދެއްވާފައެވެ.
ދަރުބާރުގޭގައި ބޭއްވުނު، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވިއެވެ. މިގޮތުން، އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތަށް ބައްލަވައި ލެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވާދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވުނު މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވުމަށް ދަރުބާރުގެއަށް ވަޑައިގަތުމުން އެމަނިކުފާނަށް އިސްތިޤްބާލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދު އެވެ. ރައީސުލްޖުމްހޫރިއްޔާ ދަރުބާރުގެއަށް ވެދެވަޑައިގަތުމުގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން ޝަރަފުގެ ގާޑު ރިޔާސީ ކުރުނީސް އެރުވުން އޮތެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އިތުރުން، ދައުލަތުގެ ޢިއްޒަތްތެރިންނާއި ބޭރު ގައުމުތަކާއި ޖަމާޢަތްތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
25 ރަބީޢުލްއާޚިރު 1437
4 ފެބުރުވަރީ 2016