ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެމަތިން މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިއަދުގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ޙާޒިރުކޮށްދެއްވާފައި ނުވާތީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާ ރިޔާސަތުން ފެށްޓެވިތަނާހެން މަޖިލީހުގެ ބައެއް މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވަންވަނީ ފައްޓަވާފައެވެ. އެގޮތުން މަޖިލީހުގެ ބައެއް މެންބަރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެއްލެވުމުގެ ދަށަށް ގެންދަވައި، ބަންދުކުރައްވާފައިވާ މައްސަލަތަކާއި މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ގެނަސް ނުދެއްވި މައްސަލަ ނަންގަވާފައިވެއެވެ.

ނިޒާމީ މައްސަލައިގެ ގޮތުގައި ނެގުނު މިމައްސަލަތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގެ ބައެއް މެންބަރުން ބަންދުކުރެއްވުމުގެ ވާހަކަ ރޭގެ ދަންވަރުގެ ވަގުތެއްގައި ފޯނުން ކޮމިޝަނަރ އޮފް ޕޮލިސް އަންގަވާފައިވާކަމަށާއި، އަދި އެގޮތުން ބަންދު ކުރައްވާ މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަވައި ދެއްވުމަށް، ކޮމިޝަނަރއަށް ދަންނަވާފައިވާނޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދުގެ ޖަލްސާއަށް ޙާޒިރުކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ދަންނަވާފައިވާކަމަށާއި އެގޮތުން ދެންނެވި ދެންނެވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ރިއާސަތުން ވިދާޅުވެ، އެސިޓީވަނީ މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވަވާފައެވެ. އެސިޓީގައި މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގައުމީ ދިފާއީ ބާރުގެ ހިމާޔަތަށް މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންދެވީ އެމެންބަރުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޖުތަމަޢުގެ ރައްކާތެރިކަމަށް ބަލައި އެންމެ އެކަށީގެންވާ ފިޔަވަޅަކީ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިފައިންގެ ހިމާޔަތް ދެއްވުން ކަމުގައި ނިންމަވާފައިވާތީ ކަމުގައި ލިއުއްވާފައިވެއެވެ. އަދި މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަލާމަތްތެރި ތަނަކަށް ގެންގޮސްފައިވަނީ އޭނާގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ނުވަތަ އެފަދަ ކުށެއް ކޮށްގެން ނޫންކަމުގައިވެސް ލިއުއްވާފައިވެއެވެ. އަދި އެސިޓީގައި ވިދާޅުވެފައިވާ ސަބަބުތަކަށްތަކައި މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިފައިންގެ ޙިމާޔަތުގެ ދަށުގައި ނޫންގޮތެއްގައި ބެހެއްޓެއްނެތް ވާހަކަ އާއި އެހެންއެއްވެސް ތަނަކަށް ގެންދިއުމަކީ ރައްކާތެރިކަމެއް ނޫންކަމުގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ފޮނުއްވާފައިވާ ސިޓީ މަޖިލީހަށް އިއްވެވުމާގުޅިގެން މިއަދުގެ ޖަލްސާ ހިނގަމުން މިދަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫނަކަމަށް ވިދާޅުވެ ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެށްޓެވިއެވެ. އަދި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއަށް ޙާޒިރު ނުކުރެވޭގޮތަށް ބެހެއްޓެފައިވާނަމަ އެއީ މަޖލީހުގެ ގަވައިދާ ޚިލާފު ކަމެއް ކަމުގައި ވިދާޅުވަމުން ގެންދެވިއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ބަޔާންވެގެންވީހިނދު ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 1 ން ފެށިގެން 7 ގެ ނިއަލަށް ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތަކާއި ބާރުތައް ކަނޑައެޅިފައިވީހިނދު މަޖިލީހުގެ މެންބަރަކު ތަޙުޤީޤަށްޓަކައި ނުވަތަ އެނޫންގޮތަކަށްވެސް ބަންދު ކުރެވޭނީ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން މަޖިލީހުގެ މެންބަރަކު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވެވަޑައިގެންނެވޭ ގޮތަށް ކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރިއާސަތުން ވިދާޅުވިއެވެ. އަދި މިއީ ޑިމޮކްރެޓިކް އެހެން ޤައުމުތަކުގައިވެސް މިކަން އޮންނަ ގޮތް ކަމުގައި ވިދާޅުވެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ން ބާރު ލިބިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވައި ފާސްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާއިން ފެށިގެން 205 ވަނަ މާއްދާގެ ނިއަލަށް ހުރި މާއްދާތަކުން މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ޙައްޤު މަޖިލީހުގެ ކޮންމެ ޢިއްޒަތްތެރި މެންބަރަކަށްވެސް ލިބިގެންވާކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޒިންމާތަކާއި ގުޅިގެން ކަށަވަރު ކޮށްދީފައިވާ މިޙައްޤުން މަޙްރޫމްކުރައްވާ ދިވެހިރާއްޖޭގެ ދިފާޢީ ބާރުން މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރު ކޮށްދެއްވާފައި ނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވަން ގަސްދު ނުކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ މިއަދު ވަނީ ނިންމަވާލައްވާފައެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމުގައިވެސް ރިއާސަތުންވަނީ އިޢުލާންކުރައްވާފައެވެ.

65 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.