ޢާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ އިޖްތިމާޢި ކޮމިޓީ އަށް ފޮނުއްވުމަށް ފާސްކުރައްވައިފި

_DSC5450-Pano2މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޢާއިލާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2000/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ އިޖްތިމާޢި ކޮމިޓީ އަށް ފޮނުއްވުމަށް 42 މެންބަރުންގެ އަޢުލަބިއްޔަތުން  ފާސްކުރައްވައިފިއެވެ.

މިބިލު ކޮމިޓީއަށް ފޮނުވުމަށް، ފެނިވަޑައިނުގަންނަވާކަމަށް 4 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 8 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިބިލު އަނބުރާ ކޮމިޓީ އަށް ފޮނުވުމަށް ހުށަހަޅުއްވާފައިވަނީ ކެލާ ދާޢިރާގެ މެންބަރު އަލީ އާރިފް އަދި ތާޢީދު ކުރައްވާފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ އަބްދުﷲ އެވެ.

މިއަދުގެ ޖަލްސާގައި، މިބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު އެވެ. މި ބިލުގެ ރިޕޯޓަށް 20 މެންބަރުން ވާހަކަދެއްކެވިއެވެ.

ޢާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި ޤައުމީ އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 6 މާރިޗް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

14 ޞަފަރު 1437

26 ނޮވެންބަރ 2015