ނޫސް ބަޔާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ބަޔާން ވެގެން ވީހިނދު ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 1 ން ފެށިގެން 7 ގެ ނިއަލަށް ރައްޔިތުންގެ މަޖިލީހުގެ ވާޖިބު ތަކާއި ބާރުތައް ކަނޑައެޅިފައިވީހިނދު މަޖިލީހުގެ މެންބަރަކު ތަޙްގީގަށްޓަކައި ބަންދު ކުރެއްވޭނީ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން މަޖިލީހުގެ މެންބަރަކު އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރެވޭގޮތަށް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވެވަޑައި ގެންނެވޭ ގޮތަށް ކަމަށް މަޖިލީހުގެ ގަވައިދުގައިވަނީ ބަޔާން ކޮށްފައެވެ. އަދި މިއީ ޑިމޮކްރެޓިކް އެހެންގައުމުތަކުގައިވެސް މިކަން އޮންނަގޮތެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ން ބާރުލިބިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވައި ފާސްކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާއިން ފެށިގެން 205 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން މަޖިލީހުގެ ޖަލްސާ ތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމުގެ ޙައްގު މަޖިލީހުގެ ކޮންމެ ޢިއްޒަތްތެރި މެންބަރަކަށްވެސް ލިބިގެންވާ ކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޒިއްމާ ތަކާގުޅިގެން ކަށަވަރު ކޮށްދީފައިވާ މިޙައްގުން މަޙްރޫމްވާ ގޮތަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރުން މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރު ކޮށްދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދަށް ޙުރުމަތްތެރިކޮށް ހިތްތެވުމަށް ދަންނަވައި އިލްތިމާސް ކުރަމެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސްއަށް މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެފަރާތުގެ ބެއްލެވުމުގެ ދަށަށް ގެންދެވުމާގުޅިގެން އެކަން ހިގާފައިވާ ގޮތެއް ސާފު ކޮށްދެއްވުންއެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީތަކަށާއި މަޖިލީހުގެ ޖަލްސާއަށް ޙާޟިރުކޮށް ދެއްވުމަށް ދަންނަވައި ފޮނުވި ސިޓީތަކަށް ޖަވާބެއްދެއްވާފައިނުވާކަށްވެސް ފާހަގަކުރަމެވެ.