ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައިފި

_DSC6331މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ހުށަހަޅުއްވާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3) އަށް އިޞްލާޙު ގެނައުމުގެ ބިލު 47 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައިވަނީ، 47 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. 2 މެންބަރަކު ވަނީ ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު،ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 21 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރުން ވޯޓްދެއްވިއެވެ.

13 ޞަފަރު 1437

25 ނޮވެންބަރ 2015