ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީން އަށް ފޮނުއްވުމަށް ފާސްކުރައްވައިފި

_DSC5663

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާގެ (މ) ގެ ދަށުން އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީން އަށް ފޮނުއްވުމަށް 45 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިބިލު ކޮމިޓީއަށް ފޮނުވުމަށް، ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 3 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު،  ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ވޯޓަށްއެއްސެވުމުންވަނީ މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުން ފާސްނުވެފައެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 18 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

13 ޞަފަރު 1437

25 ނޮވެންބަރ 2015