މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާ މަޖިލީހުގެ ރައީސް ފެއްޓެވުމާއިއެކު ގިނަ މެންބަރުންތަކެއް ނިޒާމީ މައްސަލަތައް ނަންގަވާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލިސް ކުރިއަށް ގެންދެވޭ ވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމްގެއްލި ރިޔާސަތަށް މަޖިލިސް ކުރިއަށް ނުގެންދެވިގެންވަނީ ނިންމަވާލައްވާފައެވެ. މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ނިޒާމީ މައްސަލަ ނަންގަވާ ވިދާޅުވަމުން ގެންދެވީ މުލަކު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގެންނެވޭ ގޮތަށް މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށެވެ.

މިއަދުގެ ޖަލްސާގެ ނިޒާމީ މައްސަލައާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައއްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށާއި އަދި މިނިސްޓްރީ އޮފް ޑިފެންސަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިޓީއަކުން މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ބަންދު ކުރައްވާފައިތޯ ނުވަތަ އެ ޢިއްޒަތްތެރި މެންބަރު ރަށުން ބޭރުގައި ބަހައްޓަވާފައިވަނީ ޤާނޫނީ ކޮން އިމެއްގެ ތެރޭގައިތޯ ސާފުކޮށްދެއްވުމަށް އެދި ސިޓީ ފޮނުއްވާފައިވާކަމަށެވެ. އަދި މިހާތަނަށް އެ ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނެތްކަމަށާއި، އަދި ހަމައެއާއެކު، މިއަދުގެ ޖަލްސާ ބޭއެވުމަށް ހަމަޖެހުމާ ގުޅިގެން 18 ޖުލައި 2010 ވީ އާދިއްތަދުވަހު ރައްޔިތުންގެ މަޖިލީހުގެ މިހަފްތާގެ ޖަލްސާތައް ބާއްވާނެ ތާރީޚާއި މިއަދުގެ ކޮމިޓީތައް ބާއްވާނެ ތާރީޚުތައް ވެސް ޗީފު އޮފް ޑިފެންސް ފޯސަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މެދުވެރިކުރައްވާ އަންގަވާފައިވާނޭކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއަދުގެ ޖަލްސާ ފެއްޓެވުމާއި ހަމައަށްވެސް އެ ސިޓީއަށް ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބެއް ލިބިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މިޖަލްސާ ބާއްވާފައިވަނީ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ގެންދިއުން އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާޖިބެއް ކަމަށްވާތީކަމަށްވެސް ރިޔާސަތުން ވިދާޅުވެފައިވެއެވެ.

މިއަދުގެ ޖަލްސާގެ އެއްވެސް މަސައްކަތެއް ކުރެވިދާނެކަމަކަށް ރިޔާސަތަށް ޤަބޫލުފުޅުނުކުރެއްވޭތީ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ 20 ޖުލައި 2010 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ޖަލްސާ ބާއްވާނެކަމަށް ޢިއުލާން ކުރެއްވުމަށްފަހުއެވެ.

60 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.