ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC6331މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރެއްވުމަށް 54 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

4 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި މިބިލުގެ ރިޕޯޓު ހުށަހަޅުއްވާދެއްވީ ކޮމިޓީގެ ނައިބު މުޤައްރިރު ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލެވެ. އަދި މިރިޕޯޓަށް 3 މެންބަރަކު ވާހަކަދެއްކެވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 2 ޖުލައި 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.  އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 25 އޮގަސްޓް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.

13 ޞަފަރު 1437

25 ނޮވެންބަރ 2015