ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC6292މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 54 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

7 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގެ މިބިލުގެ ކޮމިޓީ ރިޕޯޓު ހުށަހަޅުއްވާ ދެއްވީ ކޮމިޓީގެ މެންބަރު ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމްއެވެ.  އަދި، މި ރިޕޯޓަށް 3 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 24 އޮގަސްޓް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ.

13 ޞަފަރު 1437

25 ނޮވެންބަރ 2015