2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި 45 މެންބަރުންނާއެކު، ޖުމްލަ 72 މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލައްވާފައިވަނީ ބަހުސްކުރައްވަން ފުރުޞަތަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ފުރުޞަތު އެރުވުމަށްފަހުގައެވެ.
2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 ނޮވެންބަރު 2015 ވާ ބުދަދުވަހު ހެނދުނު 11:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
17 ނޮވެންބަރު 2015
5 ޞަފަރު 1437