އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

dsc5692މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް 53 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 2 މެންބަރަކު ވޯޓު ދެއްވާފައިވާ އިރު، އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 27 އޭޕްރީލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައެވެ.

29 މުޙައްރަމް 1437

12 ނޮވެންބަރ 2015