ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފާސްކުރައްވައިފި

_DSC5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށަހަޅުއްވާފައިވާ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/69) އަށް އިޞްލާޙު ގެނައުމުގެ ބިލު، 55 މެންބަރުންގެ އިއްތިފާގުން  ފާސްކުރައްވައިފިއެވެ. ދެ މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވީ، އެކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރެވެ. މި ބިލުގެ ރިޕޯޓަށް … މެންބަރުން ވާހަކަދެއްކެވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 12 އޮކްޓޯބަރ 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.

29 މުޙައްރަމް 1437

12 ނޮވެންބަރ 2015