މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން 2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
2016 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލައަދަދަކީ 27.5 ބިލިއަން ރުފިޔާ ކަމަށެވެ.
2016 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާ އެވެ. މިއީ މުޅި ބަޖެޓުގެ 59 އިން ސައްތައެވެ.
2016 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 22.8 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 13.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 3.8 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 1.2 ބިލިއަން ރުފިޔާ އެވެ.
2016 ވަނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ޑެފިސިޓަކީ 3.4 ބިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 6 އިން ސައްތައެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވެފައިވަނީ، 2016 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަހުސްގެ މަރުޙަލާ ފެށޭނީ 16 ނޮވެމްބަރ 2015 ވާ ހޯމަ ދުވަހު ކަމުގައެވެ.
ޤާނޫނުއަސާސީގެ 96 (ހ) ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެކުރީން އެ އަހަރަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މަލީއަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.
30 މުޙައްރަމް 1437
12 ނޮވެންބަރ 2015