ދެ ވަޒީރަކަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކުރައްވައިފި

_DSC5596-Panoމިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނަންފުޅުތަކަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވި ގޮތަށް، ރުހުން ދިނުމަށް ފާސްކުރައްވައިފިއެވެ.

ވަކި ވަކިން ނެގުނު މި ވޯޓުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މަޤާމަށް  ޢައްޔަންކުރައްވާފައިވާ، ދަފްތަރު ނަންބަރު 2762، އަލްފާޟިލް އާދަމް ޝަރީފްގެ ނަންފުޅު، ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިގޮތަށް، ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަދި، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ނިވައިދޮށުގެ/ތ.ބުރުނި އަލްފާޟިލް މޫސާ ޒަމީރުގެ ނަންފުޅު ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ޢިއްތިފާޤުންނެވެ. އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، ކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދުއެވެ. މިމައްސަލައަށް 5 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015