ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު މަޖިލީހުން ފާސްކުރައްވައިފި

_DSC5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ނަންބަރު 8/2015 ޤަރާރު، 58 މެންބަރުންގެ  އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި ޤަރާރު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 3 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ޤަރާރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހަށް ހުށަހަޅުއްވާ، އަދި އެ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ. މިޤަރާރުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް 49 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި، މި ހުށަހެޅުން ކުރިއަށް ގެންދެވުމަށް ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 5 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރަށް 21 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

23 މުޙައްރަމް 1437

5 ނޮވެންބަރ 2015