ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަޞްދީޤުކުރުމަށް ފޮނުއްވައިފި

4 މެއި 2010 ވި އަންގާރަ ދުވަހުގެ އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވައި، 5 މެއި 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާ (ހ) ގައިވާ ގޮތުގެމަތިން، ތަޞްދީޤުކުރުމުގެ ކަންތައް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ނިންމަވައިދެއްވުމަށްޓަކައި ފޮނުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެބިލާމެދު އަލުން ވިސްނާވަޑައިގެންދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވުމުން، 7 ޖޫން 2010 ވި ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާއަށް އެބިލު ހުށަހަޅައި، އެބިލު ވަނީ 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ނިންމަވާފައެވެ.

ކޮމިޓީން އެބިލުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ މާއްދާތަކާމެދު ވިސްނާވަޑައިގަތުމަށްފަހު، ބިލުގެ 4 ވަނަ މާއްދާއަށް އިޞްލާޙު ގެންނަވައި، ބިލުގައި ދެންހުރި މާއްދާތަކަށް ބަދަލެއްގެންނަވަން ފެނިވަޑައިނުގަންނަވާކަމަށް ފާހަގަކުރައްވައި، ކޮމިޓީގެ ރިޕޯޓް ފޮނުއްވުމުން، އެރިޕޯޓް މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއަށް ހުށަހަޅައި، މަޖިލީހުގައި އެބިލާމެދު އިތުރަށް ބަހުސްކުރުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު،  12 ޖުލައި 2010 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ވަނީ އެބިލު ފާސްކުރައްވާފައެވެ. ބިލު މަޖިލީހުން ފާސްކުރައްވައިފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ އަޣުލްބިއްޔަތުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުކަމުގައިވާ 39 ވޯޓަށްވުރެ އިތުރަށް އެ ބިލު ފާސްކުރުމަށް ވޯޓު ލިބިފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކަންތައް ނިންމަވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އަރިހަށް މިއަދު ވަނީ ފޮނުއްވައިފައެވެ.

މީގެ އިތުރުން 21 ޖޫން 2010 ވި ހޯމަ ދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވައި، 24 ޖޫން 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ތަޞްދީޤުކުރުމުގެ ކަންތައް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ނިންމަވައިދެއްވުމަށްޓަކައި ފޮނުވުނު، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެބިލާމެދު އަލުން ވިސްނާވަޑައިގެންދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އެބިލު އަނބުރާ ފޮނުއްވުމުން، 14 ޖުލައި 2010 ވި ބުދަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވާ އަދި ހަމަ އެޖަލްސާގައި އެ ބިލާމެދު އިތުރަށް ބަހުސްކުރުމަށްފަހު، އެ ބިލު ތަޞްދީޤުކުރެއްވުމަށްޓަކައި ފޮނުވުނުގޮތަށް، ބިލަށް އިތުރު އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރެއްވުމަށް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހަޅުއްވައި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ތާއީދުކުރެއްވުމާއެކު، އިތުރު ހުށަހެޅުމެއް ހުށަހެޅިފައިނުވާތީ، އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިިން 41 މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުމުގައިވާގޮތަށް އެ ބިލު ވަނީ މަޖިލީހުން ފާސްކުރައްވާފައެވެ.

ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުކަމުގައިވާ 39 ވޯޓަށްވުރެ އިތުރަށް އެބިލު ފާސްކުރުމަށް ވޯޓު ލިބިފައިވާތީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކަންތައް ނިންމަވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އަރިހަށް މިއަދު ވަނީ ފޮނުއްވައިފައެވެ.