ޓެރަރިޒަމް މަނާކުރުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް  49 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިބިލު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 22 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.  3 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މިބިލަށްވަނީ 11 އިޞްލާޙެއް ހުށަހެޅި ފާސްނުވެފައެއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިއަދުގެ ޖަލްސާގައި، 8 މެންބަރުން މިބިލަށް ބަހުސްކުރައްވާފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 20 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ. އަދި، އިއްޔެ (26 އޮކްޓޯބަރ 2015) ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ އަލުން އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.

2 ޛުލްޤައިދާ 1436

27 އޮގަސްޓް 2015