މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި 3 ރިޕޯޓެއް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި 3 ރިޕޯޓެއް ފާސްކުރައްވައިފިއެވެ.

މިގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/27) ގެ 18 ވަނަ މައްދާގެ (ހ) ގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅައިދެއްވުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް 50 މެންބަރުންގެ އިއްތިފާގުންވަނީ ފާސްކުރައްވާފައެވެ. 15 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ. މި މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓަށް 7 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މީގެއިތުރުން، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖަޢާކުރައްވައި 25 ޑިސެންބަރު 2012 ގައި ނިންމެވި ރިޕޯޓަށް ހުށަހެޅި އިޞްލާޙު، 51 މެންބަރުންގެ އިއްތިފާގުންވަނީ ފާސްކުރައްވާފައެވެ. 15 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ. މި ރިޕޯޓް ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ ނައިބް މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.

މީގެއިތުރުން، މިއަދުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 46 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވާފައެވެ. މި ރިޕޯޓް ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 2 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ. މި ރިޕޯޓް ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ ނައިބް މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ.  މިރިޕޯޓަށް 7 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

13 މުޙައްރަމް 1436

26 އޮކްޓޯބަރ 2015