ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްގޮވާލުން މަނާކުރާ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 53 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 31 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓްދެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ބިލު ހުށަހަޅުއްވައިދެއްވުމުން، މި މިބިލަށް 14 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، 2015 އަހަރުގެ ބަޖެޓް ގައިވާ ތ. ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއު ފެށޭނެ ތާރީޚެއް ސާފުކޮށްދެއްވުމަށްއެދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ. އަދި އިތުރު ސުވާލުކުރެއްވުމުގެ ވަގުތުގައި 15 މެންބަރުން، މިނިސްޓަރާއި ސުވާލު ކުރައްވާފައިވެއެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޯބަރ 2015