މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2011/17) އަށް އިޞްލާޙު ގެނައުމުގެ ބިލު، 60 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 3 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 3 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ.

28 ޛުލްޙިއްޖާ 1436
12 އޮކްޓޯބަރ 2015