މުދަލާއި ޙިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ، މުދަލާއި ޙިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/10) އަށް އިޞްލާޙު ގެނައުމުގެ ބިލު، 67 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 4 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ.

28 ޛުލްޙިއްޖާ 1436
12 އޮކްޓޯބަރ 2015