ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށަހަޅުއްވާފައިވާ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 78/69) އަށް އިޞްލާޙު ގެނައުމުގެ ބިލު، 61 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް އިޤްތިޞާދީ ކޮޓީއަށް ފޮނުއްވައިފިއެވެ.
މިބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 4 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 17 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

28 ޛުލްޙިއްޖާ 1436
12 އޮކްޓޯބަރ 2015