މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/2) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް 51 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. މި ބިލަށް އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/2) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުމުން، އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 4 މެންބަރުން ވާހަކަދެއްކެވިއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި، އައްޑޫ ސިޓީގައި ހުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހުރި ގޮނޑިފަދަ ތަކެތި މިނިވަން 50 ގެ ހަރަކާތްތަކާގުޅިގެން މާލެ ގެނެސް، އަނބުރާ އައްޑޫ ސިޓީއަށް ގެންދިއުމާގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 އޮކްޓޯބަރ 2015 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
21 ޛުލްޙިއްޖާ 1436
5 އޮކްޓޯބަރު 2015