ނެޝަނަލް އާރކައިވްސްގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިފި

މިއަދުގެ ޖަލްސާގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ވައިޖެހޭގެ، ގއ. ވިލިނގިލި/ އަލްފާޟިލް ޔަޛީދު މުޙަންމަދު ގެ ނަންފުޅު މަޖިލީހުން ފާސްކުރައްވާ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން ދަފްތަރު ނަންބަރު ރސ.9633،/ އަލްފާޟިލް ޙަސަން ޒަރީރު ގެ ނަންފުޅު މަޖިލީހުންވަނީ ފާސްކުރައްވައިފައެވެ. މީގެ އިތުރުން އެކޮމިޝަނުގެެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތަކުގެ މަޖިލީހުން ފާސްކުރައްވައިފައިވާ ނަންފުޅުތަކަކީ، އަލްފާޟިލް ޢައްބާސް ޢާދިލް ރިޟާ، ހ.ނޫކުރިކީލަ، އަލްފާޟިލް ޙަސަން ވަޙީދު، ކުދިމާގެ/ ގދ.ތިނަދޫ، އަލްފާޟިލް އަޙްމަދު މުޙަންމަދު، މ.މާމުލި، އަލްފާޟިލާ ޢާއިޝަތު ލުއުލުއާ ޙަސަން، ހ.ރީގަލްގެ އަދި އަލްއުސްތާޛު ޙުސައިން ސިރާޖު، ފިފްޓީފްލާވަރ/އއ. އުކުޅަސްއެވެ.

މިއަދުގެ ޖަލްސާގައި ނެޝަނަލް އާރކައިވްސްގެ ބިލު މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، އެބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންދަވާފައިވެއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤްއެވެ. މިބިލު ހުށަހަޅެއްވި އިޢްޒަތްތެރި މެންބަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކުރާނޭ ޤާނޫނީ އޮނިގަނޑެއް ނެތުމުން، ދިވެހިރާއްޖޭގައި ކޮޕީރައިޓާބެހޭ ޙައްޤުތައް ތަޢާރަފްކޮށް، އެކަމާބެހޭ ޢާއްމު އުޞޫލުތައް ކަނޑައަޅައި، އެފަދަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް  ބަޔާން ކުރާ ޤާނޫނެއް އޮތުމަކީ ބޭނުންތެރިކަމެއް ކަމަށްވާތީއެވެ. އަދި މިފަދަ ޙައްޤުތައް ޤާނޫނެއްގެ ދަށުން ބަޔާންކޮށް ދިވެހި މުޞައްނިފުންނާއި އުދެއްދުންތެރީންނަށް ޤާނޫނީ ޙިމާޔަތް ލިބިދީ، އަމިއްލަ އުފެއްދުންތައް އުފެއްދުމަށް އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހުށަހެޅުއްވި ބިލެއްކަމުގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައިވަނީ ކުރިން މަޖިލީހަށް ތަޢާރުފްކުރެވި އިބްތިދާއީ ބަހުސް ކުރިއަށްދާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ނިންމަވާލައްވާ އެބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރެއްވުމަށްފަހު ބިލު އިތުރަށް ދިރާސާކުރެއްވުމަށް މަޖިލީހުގެ ގަވައިދުގެވާގޮތުގެ މަތިން ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.

ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ޤައިދީންތަކެއް ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތްތަކެއް ދިވެހި ސަރުކާރުގެ ފަރާތުން ކުރައްވަމުން ގެންދަވާކަމަށް ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި އެ މައްސަލައިގެ ބަހުސްނިންމަވައިލައްވާ ވޯޓަށްއެހުމަށްވަނީ ތައްޔާރުވެފައެވެ.