އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން  ދިރާސާކުރައްވައި ނިންމެވިގޮތަށް، ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 43 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މިބިލް، ފާސްކުރެއްވުމަށް 3 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ތ.ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިން މަނިކު ދޮންމަނިކުއެވެ. މިއަދުގެ ޖަލްސާގައި، 5 މެންބަރުން މިބިލަށް ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 22 އޭޕްރީލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައެވެ.

12 ޛުލްޤައިދާ 1436

27 އޮގަސްޓް 2015