ކޮލެޖްތަކާއި ޓާރޝަރީ އިންސްޓިޓިއުޓްތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި، ނިންމެވި ގޮތުގެ ރިޕޯޓް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، ކޮލެޖްތަކާއި ޓާރޝަރީ އިންސްޓިޓިއުޓްތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 6/2008) ގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި، ނިންމެވި ގޮތުގެ ރިޕޯޓް 48 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ގަވާއިދު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު މަނަދޫ ދާއިރާގެ މެންބަރު ޢުމަރު ޙުސައިންއެވެ. އަދި މިރިޕޯޓަށް 5 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ކޮލެޖްތަކާއި ޓާރޝަރީ އިންސްޓިޓިއުޓްތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު)ގެ ޖަދުވަލު 1 ހިމަނައިދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުއްވާފައިވަނީ 25 އޮގަސްޓް 2015 ވަނަ ދުވަހުއެވެ.

12 ޛުލްޤައިދާ 1436

27 އޮގަސްޓް 2015