ދިވެހިރާއްޖޭގެ ކުޅިވަރު ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ހުށަހެޅުނު 5 އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރު ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ހުށަހެޅުނު 5 އިޞްލާހާއެކު، 48 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މި ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދުއެވެ. މިއަދުގެ ޖަލްސާގައި، 8 މެންބަރުން ރިޕޯޓަށް ވާހަކަދައްކަވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މި ބިލު  ދިރާސާކުރެއްވުމަށް އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 17 މާރިޗު 2015 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

12 ރަމަޟާން 1436

29 ޖޫން 2015