ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ހުށަހަޅުއްވާފައިވާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް  40މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިބިލް، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 8 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިއަދުގެ ޖަލްސާގައި، އެއް މެންބަރަކު ރިޕޯޓަށް ވާހަކަދައްލަވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 11 އޮގަސްޓް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.

9 ޛުލްޤައިދާ 1436

27 އޮގަސްޓް 2015