ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރެވޭ ހައިކޯޓުގެ ދެ ގޮފީގެ ފަނޑިޔާރުންނަށް ތިއްބެވޭނެ ފެންވަރުގެ ޢިމާރާތްތަކެއް ދެ ކޯޓު ޤާއިމްކުރެވޭ ދެ ރަށްކަމަށްވާ ސ.ހުޅުމީދޫ އާއި ހދ.ކުޅުދުއްފުށިން ކުއްޔަށް ހިފުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ، ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރެވޭ ހައިކޯޓުގެ ދެ ގޮފީގެ ފަނޑިޔާރުންނަށް ތިއްބެވޭނެ ފެންވަރުގެ ޢިމާރާތްތަކެއް ދެ ކޯޓު ޤާއިމްކުރެވޭ ދެ ރަށްކަމަށްވާ ސ.ހުޅުމީދޫ އާއި ހދ.ކުޅުދުއްފުށިން ކުއްޔަށް ހިފުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވުން އެދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފޮނުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 47 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި މައްސަލަ، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 4 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ. މިއަދުގެ ޖަލްސާގައި، 11 މެންބަރުން މި މައްސަލައަށް ބަހުސްކުރައްވާފައިވެއެވެ.

12 ޛުލްޤައިދާ 1436

27 އޮގަސްޓް 2015