ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ބިލު، 58 މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 9 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ.

9 ޛުލްޤައިދާ 1436
24 އޮގަސްޓް 2015