ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވަވާ ގޮތަށް ހަމަޖައްސަވައިފި

hameed

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް މިއަދު ދަތުރުކުރެއްވުމާ ގުޅިގެން ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަމަޖައްސަވައިފިއެވެ. އަދި، މި ހިތާމައިގައި މާދަމާ، 19 އޮގަސްޓު 2015 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށްވެސް ހަމަޖައްސަވައިފިއެވެ.
އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 2 ފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 14 ފެބުރުވަރީ 1988 އިން 22 ފެބުރުވަރީ 1990 އަށް، އަދި 11 ނޮވެންބަރު 1993 އިން 13 ސެޕްޓެންބަރު 2004 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވެއެވެ.
އަދި، 26 ފެބުރުވަރީ 1982 އިން 14 ފެބުރުވަރީ 1988 އަށް، އަދި 20 މާރިޗު 1990 އިން 11 ނޮވެންބަރު 1993 އަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ދިގު މުއްދަތެއްގައި ކުރައްވައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވަނީ 12 މާރިޗު 1961 އިން 22 ފެބުރުވަރީ 1970 އަށް މާލެ އަތޮޅު މެންބަރުކަމާއި، 22 ފެބުރުވަރީ 1970 އިން 22 ފެބުރުވަރީ 1975 އަށް މާޅޮސްމަޑުލު ދެކުނުބުރި މެންބަރުކަމާއި، 22 ފެބުރުވަރީ 1975 އިން 17 ނޮވެންބަރު 1982 އަށް ފ. އަތޮޅު މެންބަރުކަމާއި، 17 ނޮވެންބަރު 1982 އިން 14 ފެބުރުވަރީ 1988 އަށް އަދި 24 ފެބުރުވަރީ 1990 އިން 11 ނޮވެންބަރު 1993 އަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ކުރައްވާފައެވެ.
މީގެއިތުރުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި އެ މަޖިލީހުގެ މެންބަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު އަރުވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުވަނީ ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން، ސަރުކާރުގެ އިސް މަޤާމުތައް ވަނީ ފުރުއްވާފައެވެ. އޭގެތެރޭގައި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމާއި، ސީނިއަރ މިނިސްޓަރުގެ މަޤާމު ފުރުއްވާފައިވެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އަލްއުސްތާޛު އަލްމަރުޙޫމް ޢަބްދުﷲ ޙަމީދުގެ ލޮބުވެތި ޢާއިލާއަށް ލިބިވަޑައިގެންނެވި ފުންހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާގެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިޙްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައެވެ. މާތްﷲ ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވާށިއެވެ.
މާތްﷲ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން

3 ޛުލްޤައިދާ 1436
18 އޮގަސްޓް 2015