ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9) އަށް އިޞްލާޙު ގެނައުމުގެ ބިލު 47 މެންބަރުންގެ  އިއްތިފާގުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް ޤައުމީ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 18 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 24 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓްދެއްވިއެވެ.

3 ޛުލްޤައިދާ 1436

18 އޮގަސްޓް 2015