މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/2) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 48 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލްއެވެ. އަދި 6 މެންބަރުން މިބިލަށް ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 12 އޮގަސްޓް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރެއްވުމަށް ޤައުމީސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 އޮގަސްޓް 2015 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

 

3 ޛުލްޤައިދާ 1436

18 އޮގަސްޓް 2015