ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ހުށަހަޅުއްވާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލު 57 މެންބަރުންގެ ޢިއްތިފާޤުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން، ދިރާސާކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 24 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުން ވޯޓްދެއްވިއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު ބިލު ހުށަހަޅުއްވައިދެއްވުމުން، މި މިބިލަށް 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 އޮގަސްޓް 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015