މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ގެނެވުނު އިޞްލާހާއެކު ފާސްކުރައްވައިފި

dsc5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ގެނެވުނު އިޞްލާހާއެކު 56 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ. 6 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި މައްސަލައަށް ދެ މެންބަރުން ވާހަކަދައްކަވާފައިވެއެވެ. އަދި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިމައްސަލަ ފޮނުއްވާފައިވަނީ 4 އޯގަސްޓް 2015 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 2 ވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

މިމައްސަލައަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/11) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، “ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ” 9 ޖުލައި 2015 ވަނަ ދުވަހު ޤާއިމްކުރައްވައި، އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިނގަމުންދިޔަ “ކުއްލިޔަތުއްދިރާސާތިލް އިސްލާމިއްޔާ” ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބަދަލުވީކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލައެކެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015