މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ހިއުމަން ރައިޓްސް ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވާ ތިން މެންބަރެއްގެ މަޤާމުގެ މުއްދަތު 17 އޮގަސްޓް 2015 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމްތަކަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2014/36 (ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އިޖާބަދެއްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
އާމިނަތު އީނާސް، ހ. ހަބަރުގެ/ކ.މާލެ ގެ ނަން ފާސްވެފައިވަނީ 64 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. 3 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
ޢާއިޝަތު އަފްރީން މުޙައްމަދު، މ.ކޮރަލްގާރޑްންސް/ކ.މާލެ، ގެ ނަން ފާސްވެފައިވަނީ 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވާއިރު 5 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
ޝިފާޤު މުފީދު، ފާތު/ޏ.ފުވައްމުލައް، ގެ ނަން 50 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެފައިވާއިރު ފެނިވަޑައިނުގަންނަވާކަމަށް 4 މެންބަރުން ވަނީ ވޯޓް ދެއްވާފައިވެއެވެ. 8 މެންބަރުން ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވަނީ ވޯޓްދެއްވާފައެވެ.
މި މައްސަލައާއި ގުޅޭ ކޮމިޓީ ރިޕޯޓް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މެންބަރު ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާއެވެ. ކޮމިޓީ ރިޕޯޓަށް ކަނޑައެޅުއްވާފައިވާ ބަޙުސް ވަގުތުގައި 5 މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.
26 ޝައްވާލް 1436
11 އޯގަސްޓް 2015