މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ހިމެނޭ 5 މެންބަރުންގެ މަޤާމުގެ މުއްދަތު 2 އޮގަސްޓް 2015 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ ބޯޑަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި 5 ބޭފުޅެއްގެ ނަން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނުމަށް ފެންނަކަމަށް ފާސްކުރެވުނު ނަންފުޅުތަކަކީ އަސްރަފީހިޔާ/ލ. މާވަށް، އަޙްމަދު ފާއިޒު މުޙައްމަދަށް 57 ވޯޓް، ކުދިމާގެ/ގދ.ތިނަދޫ، ޙަސަން ވަހީދަށް 56 ވޯޓް، ހ.އީސްޓްވާރޑް/ކ.މާލެ، ޢާއިޝަތު ޢަޝާ ޢަލީއަށް 56 ވޯޓް، ސީސަންގެ/ގއ.ދާންދޫ، ފަޞީޙް ޒާހިރައަށް 57 ވޯޓެވެ. އަދި ހ. ނީލްވިލާ/ކ.މާލެ، ލީނާ މުޙައްމަދު ޒާހިރު ޙުސައިންއަށް 54 ވޯޓް ލިބިފައިވާއިރު، މިނަންފުޅަށް 3 މެންބަރުން ވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމްއެވެ. މިރިޕޯޓަށް 2 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 އޯގަސްޓް 2015 ވާ ހޯމަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
20 ޝައްވާލް 1436
5 އޮގަސްޓް 2015