“ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ” ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ބަދަލުކުރުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/11) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، “ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ” 9 ޖުލައި 2015 ވަނަ ދުވަހު ޤާއިމްކުރައްވައި، އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިނގަމުންދިޔަ “ކުއްލިޔަތުއްދިރާސާތިލް އިސްލާމިއްޔާ” ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބަދަލުވީކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވާ ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

19 ޝައްވާލް 1436

4 އޯގަސްޓް 2015