ޓެރަރިޒަމް މަނާކުރުމުގެ ބިލު މަޖލީހަށް ބަލައިގެންފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ބިލު 45 މެންބަރުންގެ އަޢްލަބިއްޔަތުން މަޖިލީހަށް ބަލައިގަނެފިއެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 9 މެންބަރުން ވޯޓް ދެއްވާފައިވާއިރު، 10 މެންބަރުން ވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމާއި ގުޅިގެން، ދިރާސާ ކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ. މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި 16 މެންބަރުން ވާހަކަދެއްކެވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 20 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.