ރައްޔިތުންގެ މަޖިލިސް ދެމިއޮތްހާ ހިނދަކު ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމީ ޢަޤީދާ ދެމެހެއްޓުމުގައި ފަސްޖެހުމެއްނެތި ކެރިގެން ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސް ދެމިއޮތްހާ ހިނދަކު ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމީ ޢަޤީދާ ދެމެހެއްޓުމުގައި ފަސްޖެހުމެއްނެތި ކެރިގެން ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ދެއްވައިފިއެވެ.
Maldives-50-Years-of-Independence-Logo
ދިވެހިރާއްޖޭގެ މިނިވަންކަމަށް ރަންޔޫބީލް ފުރޭ މުނާސަބަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ޝާއިޢު ކުރެއްވި މެސެޖްގައި، ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚަށް ބަލާއިރު ރައްޔިތުންގެ މަޖިލިސްވަނީ، ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އަދާކުރަންޖެހޭ ވާޖިބު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައެވެ. އަދި، 18 ވަނަ ރައްޔިތުންގެ މަޖިލިސް ވެސް މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ޤައުމީ މަޞްލަޙަތުގައި، ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކުގައިކަމުގައި ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖްގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ނިޢުމަތް ދެމެހެއްޓިގެން އައިސްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގައި، އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެތިބެ، ޚިޔާލުތަފާތުވުންތަކާ އެކުގައިވެސް، އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އާލާކޮށް، ޤައުމިއްޔަތުގެ ރޫޙު ދިރުވައި ނެގެހެއްޓުމަށް ކެނޑިނޭޅި ކުރަމުން އައިސްފައިވާ ބުރަ ޤައުމީ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމުގައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވި މެސެޖް ވިދާޅުވުމަށް

10 ޝައްވާލް 1436
26 ޖުލައި 2015