ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިރޭ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު 62 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ. މި ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.  2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން، ދިރާސާކުރެއްވުމަށް ވަނީ 11 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ. މިގޮތަށް ފާސްކުރެއްވުމަށް 64 މެންބަރުން ވޯޓުދެއްވާފައެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 3 މެންބަރުން ވޯޓުދެއްވާފައިވެއެވެ. 3 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު، ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފްއެވެ.

މި ވަގުތީ ކޮމިޓީ އެކުލަވާލައްވާފައިވަނީ 64 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މި ގޮތަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރުން ވޯޓް ދެއްވާފައިވެއެވެ.  އެއް މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިރޭގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 51 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާކަމަށް 23 މެންބަރުން ވޯޓްދެއްވިއެވެ.

މިރޭގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ މެންބަރު ބިލު ހުށަހަޅުއްވައިދެއްވުމުން، މި މިބިލަށް 34 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 ޖުލައި 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

 

5 ޝައްވާލް 1436

21 ޖުލައި 2015