ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުން ވަކިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) ގެ ދަށުން 61 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ ޤަރާރު، 78 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ޤަރާރު، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، މިޤަރާރު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ. މި ޤަރާރަށް 23 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ވޯޓް ތަފްސީލް 

 

5 ޝައްވާލް 1436
21 ޖުލައި 2015