ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ދެ އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/3) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި ދެ އިޞްލާހާއެކު، 38 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މި ބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް، 11 މެންބަރުން ވާހަކަދެއްކެވިއެވެ.

މި ބިލު ދިރާސާކުރެއްވުމަށް ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 6 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 30 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.