ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 38 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިބިލް، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުންގެ ވޯޓްދެއްވާފައިވާއިރު، 3 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މި ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި އެއްމެންބަރަކު ވާހަކަދެއްކެވިއެވެ.
ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވާފައިވަނީ 4 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 28 އޭޕްރީލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.

30 ޝަޢުބާން 1436
17 ޖޫން 2015