ބޫޓާނާއި އަފްޣާނިސްތާނަށް އަދި ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް 2 ބޭފުޅަކު ޢައްޔަނުކުރުމަށް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ބޫޓާނާއި އަފްޣާނިސްތާނަށް އަދި ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ދެ ބޭފުޅަކު ޢައްޔަނުކުރުމަށް މަޖިލީހުން ފާސްކުރައްވައިފިއެވެ.
މިގޮތުން، ބޫޓާނާއި އަފްޣާނިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް، ގ.އުފާ/ އަލްފާޟިލް އަޙްމަދު މުޙައްމަދު ޢައްޔަންކުރުމަށް މަޖިލީހުގެ 51 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. އަދި، ދެ މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މީގެ އިތުރުން، ނޭޕާލަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް، މ. ހުރާ އަލްފާޟިލް އަޙްމަދު ސަލީމް ޢައްޔަންކުރުމަށް މަޖިލީހުގެ 54 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. މީގެއިތުރުން، 2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މި ދެ ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާއެވެ.

30 ޝަޢުބާން 1436
17 ޖޫން 2015