ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގެރޭޝަންގެ ކަންކަން 21 ޖަނަވަރީ 2015 އިން ފެށިގެން ހިންގައި ބަލަހައްޓާނީ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓުން ކަމުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/1) ގެ 35 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގެރޭޝަންގެ ކަންކަން 21 ޖަނަވަރީ 2015 އިން ފެށިގެން ހިންގައި ބަލަހައްޓާނީ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓުން ކަމުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 45 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މިރިޕޯޓު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުންގެ ވޯޓްދެއްވާފައިވާއިރު، 5 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މެންބަރު ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިމައްސަލަ ފޮނުއްވާފައިވަނީ 3 މާރިޗް 2015 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

30 ޝަޢުބާން 1436
17 ޖޫން 2015